ޖުމްހޫރި ވެރިކަމާއި ހުވަދު އަތޮޅު
އަލީ ނަސީރު / މަޑަވެލި07 ޖޫން 201401:39
30 މެއިގެ އަދަދާއި ގުޅޭ
މީލާދީން 1950 ގެ އަހަރުތައް ފެށުނުއިރު ޢަބްދުﷲ ކަތީބާއި މުޙައްމަދު ސަޢީދު ކަތީބާ ދެބެއިންނަކީ ވެސް ހަވަރުތިނަދޫގެ ދެ ކަތީބުން ނެވެ. ހިރިހަމަންތިކަލޭފާނަށް އަތޮޅުވެރިކަން ދެއްވީ، އޭޕްރީލް 17، 1953މ. (ޝަޢުބާން 3، 1372ހ.ހުކުރު) ވަނަ ދުވަހު ހަވަރުތިނަދޫ ބޯޅަދަނޑުގައި އޮތް ޖަލްސާއެއްގައި މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
އަމީން ދީދީގެ އެދަތުރުފުޅަކީ، އެ އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަލްފާޟިލް ވީރު ޢަލި ދީދީ އަވަހާރަވުމާއި ގުޅިގެން އެކަން ތަޙްޤީޤް ކުރެއްވުމާއި، އަދި ރަށްވެހިކަމުގެ ވާދައިގެ ތަށި ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އަމީން ދީދީ ސަރުކާރު ހިންގެވި ދުވަސްވަރު މޫސާ ހިރިހަމައިދި ކަލޭގެފާނުމެންނާއި، ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި އެވެ. އެގޮތުން އަމީން ދީދީގެ ޖުމްހޫރީ ދަރުބާރުގެ ރަސްމިއްޔާތު ބޭއްވުމަށް ދާރުލްޢުލޫމުގެ އިސްޓޭޖް ތައްޔާރު ކުރުމުގައި އިސްކޮށް ޙަރަކާތް ތެރިވެލެއްވި ބޭފުޅުންގެ ލިސްޓުގެ ކުރީގައި ކަލޭގެފާނާއި، ޢަބްދުﷲ ކަތީބުގެ ނަން ހިމެނެ އެވެ. އެކަމަށް 30000.00ރ (ތިރީސްހާސް ރުފިޔާ) ކަލޭގެފާނު ޚަރަދު ކުރެއްވި އެވެ. ޤަވްމުގެ ވަލިއްޔުލްއަމުރު ކަމުގެ މަޤާމުގައި އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނު ހުންނަވަން ފެންނަކަމަށް (މުތަޤައްދިމް ޕާޓީގެ ޖަލްސާއަށް) ހުށަހެޅުއްވީ ޢަބްދުﷲ ކަތީބެވެ. މުޠަޤައްދިމު ޕާޓީއަކީ، މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން (މުޙައްރަމް 7، 1370ހ.ބުދަ) އޮކްޓޫބަރ 18، 1950މ. ވަނަ އަހަރު ދުވަހު އުފެއްދި ޕާރޓީއެކެވެ. އެޕާޓީގެ ސެކްރެޓަރީއަކީ، ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާޞިރެވެ. އާދެ! އެ ޕާޓީގެ ޖަލްސާގައި އަމީން ދީދީ ދެއްކެވި ވާހަކަފުޅަކީ، އިބްރާހިމް ނާޞިރު އެހާ ޤަބޫލުފުޅު ވާހަކަފުޅެއް ނޫނެވެ. އަމީން ދީދީ ވިދާޅުވިކަމަށްވަނީ، އެ މަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ، އެމަނިކުފާނަށްފަހު ވެރިކަންކުރައްވާނެ ރަނގަޅުބޭފުޅަކު ރާއްޖޭގައި ނެތީމަ އެވެ. ނަމަވެސް 3 އުއްމީދުން ތިއްބެވިކަމަށާއި، އެބޭފުޅުންނަކީ، މުޙަންމަދު ޒަކީ، ޝަމްސުއްދީނު ޙިލްމީ، ހުސައިން އަލި ދީދީ ކަމަށެވެ. މުޙަންމަދު އަމީނަށް ރައްދުދެއްވަމުން (ފަހުން) އިސްމާއީލުކަލޭފާނުގެ ތުއްތު އަރިހު އިބްރާހީމް ނާސިރު ވިދާޅުވިކަމަށްވަނީ [އެ ދެއްކެވި ވާހަކަފުޅު ބައްލަވާށެވެ. އަޅުގަނޑަށް ވެރިކަން ލިބުނަސް އެއަށްވުރެ މާރަނގަޅަށް އަޅުގަނޑުވެސް ކުރާނަމެވެ.]
ތިނަދޫ މާކޯނި އަލްފާޟިލް ޢަބްދުއްޞަމަދު ޙުސައިނު ބުނުއްވަނީ މުތައްޤައްދިމް ޕާޓީގެ އެ ޖަލްސާ ވަރަށްގާތުން އޭނާ ދެކިލެއްވިކަމަށެވެ. މާލޭގެ ޢިއްޒަތްތެރި ބޭފުޅުންގެ އިތުރަށް، ކަލޭފާނުކަން ދެއްވާފައިވާ އަތޮޅު ތަކުގެ ބޭފުޅުން އެ ޖަލްސާއަށް ވަޑައިގަތެވެ. ހަމަޖެހިފައި ވާގޮތުން، އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެ މާލަމަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ، އައްޑުއަތޮޅު ފެންނާ މަނިކުފާނުގެ ދެމަފިރިކަނބަލުންނެވެ. ދެން ހިރިހަމާތި ކަލޭފާނާ، ނައިފަރު ޢަބްދުލްޙަކީމު ކާންނާކަލޭފާނާއި، އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އޭގެފަހުން މާލޭގެ ޢިއްޒަތްތެރި ބޭބޭފުޅުންނާއި، އަތޮޅުތަކުން ވަޑައިގެންނެވި ކަލޭގެފާނުންނާއި ކަނބުލޭގެފާނުމެން ފަދަ ބޭބޭފުޅުންނެވެ.
ދިވެހިރާއްޖޭގެ ރަށްވެހިކަމުގެ ފަތިހަކަށް އަލިދަންމަތިކޮށްދެއްވީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެ ފާނެވެ.
އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރަހަށާއި ދިގަށް 50 ފޫޓު ފުޅާމިނުގެ މަގެއް ހެއްދެވިއެވެ. ރައްޔިތުން ލައްވައި އުވަ ދަވައިގެން އެމީހުން ލައްވައި މަސައްކަތްކުރުވައިގެން އެމަގުތަކުގެ ދެފަރާތުގައި 5 ފޫޓު އުސްކޮށް ފާރުރޭނުއްވިއެވެ. ރައްޔިތުންގެމެދުގައި ވާދައިގެ ރޫޙެއް އުފައްދައިގެން ކުރުވި އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި މީހުންނަށް ކަލޭފާނުކަމުގެ ލަޤަބު ދެއްވިއެވެ. (އެކިއެކި ދުވަސްވަރު ކަލޭފާނުކަން ދެއްވި ހުވަދު އަތޮޅުގެ ބޭކަލުންގެ ނަންތައް އެނގޭ ލިސްޓެއް ފަހަތުގައި ލިޔެފައި ވާނެއެވެ.) އާދެ! ރަށްވެހިކަމުގެ މަސައްކަތަކީ، ރާއްޖޭގައި ބަލިމަޑުކަން އިންތިހާއަށް ބޮޑުވަމުންދާތީ، ރާއްޖެއިން ބޭރުން ޑޮކްޓަރުންގެ ޓީމެއް ގެނެސްގެން ކުރެވުނު ސާރވޭ ރިޕޯރޓަކާއި ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެމަސައްކަތުގެ ސަބަބުން މަދިރި އުފެދޭ ތަންތަނާއި، ކުނިގޮނޑުތައް ނައްތާލެވި ރަށްރަށުގެ އާބްހަވާއަށް ދުޅަހެޔޮކަން ލިބިގެންދިޔަ އެވެ. އެކަމަކީ، މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދެމެހެއްޓެނިވި ޚިދުމަތްތަކުގެތެރޭގައި ހިމެނޭ މަތިވެރި ޚިދުމަތެވެ. މިހާރު (2011މ. ވަނަ އަހަރު) ވެސް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެ ދުވަސްވަރު ރޭނި ފާރުތައް ހުއްޓެވެ.
މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނު ފެއްޓެވި ރަށްވެހިކަމުގެ މަސައްކަތަށް މުޅި ހުވަދުއަތޮޅުން އެންމެބޮޑު ހޭދައެއް ކުރެއްވީ މޫސާ ހިރިހަމައިދި ކަލޭގެފާނެވެ. ހަވަރުތިނަދުއަށް އެންމެބޮޑު ހޭދައެއް ކުރެއްވީ ޙާޖީ މުޙަންމަދު ކަލޭފާނެވެ. ގައްދުއަށް އެންމެ ބޮޑު ހޭދައެއް ކުރެއްވީ ގައްދޫ އިސްމާޢީލް ކަލޭފާނެވެ. ގައްދޫގައި ކުރެވުނު މަސައްކަތުގެތެރޭގައި ރަށުގެ ދިގުމަގު ހެދުމަށްޓަކައި ރަށުގައިއޮތް ވަރަށްބޮޑު ޗަސްބިމެއް ހިއްކިއެވެ. ކޮނޑޭގައި (އެރަށު ޢާއިޝަތު ބަރިއްޔާގެ ނަމަށް ނިސްބަތްކޮށް) ބޯޅަދަނޑެއް ހަދައި ބޯޅަ ކުޅުނެވެ. ދަނޑު ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ، އެދުވަސްވަރު އަތޮޅުގެ އެންމެއިސް ސަފުގައި ޙަރަކާތްތެރިވި ބޭކަލުންނެވެ. ވިލިނގިއްޔަށް އެންމެބޮޑު ހޭދައެއް ކުރެއްވީ އެރަށު މުދިންކަލޭފާނެވެ. ރަށްވެހިކަމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވުމަށް ސަރުކާރުން ފޮނުއްވި އެއްބޭފުޅަކީ އަލްފާޟިލް ބޮނޑިބަތް ދޮންކަލޭފާނެވެ. ކުދިންލައްވައި ކުޅިވަރުކުޅުވުމުގައި އިސްކޮށް އުޅުއްވީ ދޮންކަލޭފާނެވެ. އެމަސައްކަތުގައި އުޅުއްވި އަނެއްބޭފުޅަކީ، ކުއްޅަވައް ޢަލިދީދީއެވެ. ފޮނުވީ ރަހަދޫގައި ތިބި ފައިފަލަބަލީގެ މީހުން ޢާއްމުންގެތެރެއަށް ދޫކުރުމުގެ ކަންކަން ކުރެއްވުމަށެވެ.
ރަށްވެހިކަމުގެ ވާދައިގެ ތަށި ގައްދުއަށް:
އާދެ! ރަށްވެހިކަމުގެ ވާދައިގެތަށި ދެއްވުމުގެ ރަސްމިއްޔާތު އޮތީ، އޭޕްރީލް 17، 1953 މ. (ޝަޢުބާން 3، 1372ހ.ހުކުރު) ހަވަރުތިނަދޫ ބޯޅަދަނޑުގަ އެވެ. ވާދައިގެ ތަށި ދެއްވުމަށް ހަވަރުތިނަދުއަށް ވަޑައިގަތީ (ރަށްވެހިކަމުގެ ބާނީ) ޖުމްހޫރީ ރައީސް މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. އަމީން ދީދީ ހަވަރުތިނަދުއަށް ވަޑައިގަތީ، ހައިސިންތު ނަމަކަށްކިޔާ (ސަރުކާރުގެ) އިންޖީނު ލޯންޗުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި، އައްޑު އަތޮޅު ހިތަދޫ އަލްފާޟިލް ޢަބުދުﷲ ޢަފީފް ދީދީއާއި، އަލްއުސްތާޛު މުޙަންމަދު އިބްރާހިމް ލުޠުފީއާއި އަދި އެނޫންވެސް ބައެއް ބޭފުޅުން ވަޑައިގަތެވެ. ހުވަދު އަތޮޅުގެ އިސް ބޭކަލުންނާ، ކަނބަލުންނަށް ދަޢުވަތު ދެއްވައިގެން ބޭއްވި އެ ޖަލްސާގަ މުޙަންމަދު އަމީން ދީދީ ވާހަކަފުޅު ދެއްކެވި އެވެ. އަމީން ދީދީގެ އެބަޔާނުގައި، ފާހަގަކޮށްލެވޭ ބޭކަލުންނާ، ކަނބަލުންގެ ނަންފުޅުތައް ވިދާޅުވުމުގައި ނަޑެއްލާ ޒުހުރާއާއި، ރަތަފަންދޫ މުދިމްކަލޭފާނުގެ މަރިޔަމްދިޔެއާއި ކޮނޑޭ ވަރުދާގެ ނަން ވިދާޅުވުމުގައި އަޑުފުޅަށް އިތުރު ބާރެއް ލެއްވިއެވެ. ޒުހުރާގެ ނަން ވިދާޅުވީ، ފިނިބަގީޗާއެއްފަދަ ފެހި ނަޑެއްލާއޭ ވިދާޅުވަމުންނެވެ. އެ ޖަލްސާގައި ރަތަފަންދޫ މުދިމްކަލޭފާނު ވެސް ވާހަކަ ދެއްކެވި އެވެ. (އޭނާގެ ވާހަކަ ނިންމާލެއްވީ ހުވަދޫބަހުން "މަގެ ތަޓަޓަސް ޝުކުރިއްޔާ، މަގެ މަރިޔަންދިޔަޓަސް ޝުކުރިއްޔާއޭ" ބުނުއްވަމުންނެވެ.
މޫސާ ހިރިހަމައިދި ކަލޭފާނަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ދެއްވުން:
ހައިބަތުން ފުރިގެންވާ އެ ދަރުބާރުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ، ހަވަރުތިނަދޫ އަލްފާޟިލް ޢަބްދުﷲ ކަތީބު ކަލޭފާނެވެ. އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ބަލާޣާތްތެރި ޢިބާރާތުން ޝުކުރުގެ"ތަރާނާ" ލިޔުއްވީ އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ލުޠުފީ އެވެ. ރަށްވެހި ކަމުގެ ތަށި ޙާޞިލުކުރީ ގައްދޫގެ ރައްޔިތުންނެވެ. އަމީން ދީދީ ވިދާޅުވީ ތައްޓާއި، އުނދުޅި އެއްރަށަކަށް ދިނުމުގެ ބަދަލުގައި ގައްދުއަށް ދެއްވާނީ ރަށްވެހިކަމުގެ ތައްޓެވެ. ރަށްވެހިކަމުގެ ވާދައިގެ ތަށި ގައްދުއަށް ދެއްވުމަށްފަހު، ހަވަރުތިނަދުއަށް ދެއްވީ އުނދުޅި އެވެ. އެއީ ހުވަދު އަތޮޅުގެ އަތޮޅުވެރިކަމެވެ. ރަށެއްގެ ބޯޅަދަނޑުގައި ދެއްވި އަތޮޅުވެރިކަމަކީ، މިއީ ކަމުގައި ދަންނަވަން ޖެހެ އެވެ. އައްޑޫ ހުޅުދޫ މޫސާ ހިރިހަމައިދި ކަލޭފާނަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ، ޖުމްހޫރީ ދަރުބާރަށް ވަޑައިގަތުމުގެ ދަޢުވަތު އެރުވިފައިވަނިކޮށް، އެ ފުރުޞަތު ލިބިވަޑައިނުގެން ހުވަދު އަތޮޅު އަތޮޅުވެރިޔާ އަލްމުޙްތަރަމް ވީރު ޢަލި ދީދީ އަވަހާރަވުމަށްފަހު އެވެ.
އާދެ! ކުރިން (އަހަރަކު އެއްފަހަރު) ހަވަރުތިނަދޫން މާލޭ ހަވަރަށްގެންދާ ޖިޒީގެ ގޮތުގައި ގެންދާތަކެތި ގެންދިއުން ހުއްޓާލައި އެތަކެތީގެ ބަދަލުގައި އަހަރަކު 25000.00ރ (ފަންސަވީސްހާސް ރުފިޔާ) ސަރުކާރަށް ދައްކާގޮތަށް ހަމަޖެއްސެވީ ވެސް އެ ދަތުރުފުޅުގަ އެވެ. (އެދުވަސްވަރަށް ބަލާއިރު ފަންސަވީސްހާސް ރުފިޔާއަކީ ވަރަށްބޮޑު ޢަދަދެކެވެ.) ކާބޯތަކެތި މާލެއަށް ގެންދިއުން ހުއްޓާލަން ނިންމެވީ، ކާބޯތަކެތި އުފެއްދުމުގައި ޞިއްޙީ މައްސަލަތައް ހުރި މީހުން ޙަރަކާތްތެރިވާތީ، އެއީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ފެނިވަޑައި ގަންނަވާތީ ކަމުގައި އަމީންދީދީ ވިދާޅުވި އެވެ. ކޮންމެއަކަސް ކުރިން ހަވަރުތިނަދޫން މާލެއަށް ފޮނުވަމުން ގެންދިޔަ ކާބޯތަކެތި ފޮނުވުން އެހާހިސާބުން ނިމުމަކަށް އައީ އެވެ.
ހުވަދުއަތޮޅު ހަވަރުތިނަދޫ ބޯޅަދަނޑުގައި (މިހާރު ތިނަދޫގެ ޤަބުރުސްތާނު ބިމުގައި) ބޭއްވި ރަށްވެހިކަމުގެ އެ ބޮޑު "ދަރުބާރު" ނިމުނީ ލަވަކިޔުމުގެ އައިޓަމަކަށްފަހު އެވެ. އެތަނުގައި މެހުމާންސަރާތަކާއި، ބޯކްތަކާއި، ތިރި ފާރުބުރިތަކާއި އަދި މިނޫނަސް އެފަދަ ކިތައްމެ ކަމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އެތަނުގައި ތައްޔާރުކުރި ޕިންޕޮންގެ ނުވަތަ "ޓޭބަލްޓެނިސް މާލަމަކީ" ޒީނަތްތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް ބުނެވެ އެވެ. ދަރުބާރުގޭގެ ތައްޔާރީތަކުގައި، ޢާއްމުކޮށް ހުވަދުއަތޮޅު، ޚާއްޞަކޮށް ހަވަރުތިނަދޫގެ އެންމެހާ ކަލުންނާއި، ކަނބަލުންގެ މިންނެތް މަސައްކަތް ޝާމިލުވެފައިވެ އެވެ. އަދި އެރަށު ބޯޅަދަނޑުގައި ބޯޅަ ކުޅުނެވެ. ގައްދޫ އިސްމާޢީލް ވަތަބަނޑޭރިކަލޭފާނު ހުންނެވީ ގޯލުގައެވެ. ހިރިހަމައިދި ކަލޭފާނު ކުޅުއްވި އެވެ. އެ ދަރުބާރަށް ހުވަދުއަތޮޅުގެ އެކިއެކި ރަށްރަށުން ވަޑައިގެންނެވި ބައެއް މެހުމާނުން ވެސް ބޯޅަ ކުޅުއްވިއެވެ.
މިދެންނެވި ރަސްމިއްޔާތަށްޓަކައި ވަރަށްގިނަ ތައްޔާރީތަކާއި އަދި ވަރަށްގިނަ ހޭދަތައް ކުރެވުނެވެ. މައިގަނޑުގޮތެއްގައި އެކަމަށް ޚަރަދުކުރެއްވީ، ހިރިހަމައިދި ކަލޭފާނެވެ. އެކަމަށްޓަކައި ޢާއްމުކޮށް ހުވަދުއަތޮޅުގެ ޚާއްޞަކޮށް ހަވަރުތިނަދޫގެ ކޮންމެމީހަކު ވެސް އެމީހެއްގެ ކެރިފޯރުންތެރިކަންހުރި މިންވަރަކުން ޚަރަދުކުރި އެވެ. އާދެ! ރަށްވެހި ކަމުގެ ވާދައިގެ ތަށި ގައްދުވަށް ލިބިއްޖެ އެވެ. އަތޮޅުވެރިކަމުގެ މާޤާމަށް ވެސް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. އަދި އެރަސްމިއްޔާތާއި ގުޅިފައިވާ އެންމެހާ ކަންކަން ވެސް ނިމިއްޖެ އެވެ.







