ފިޔޯރީ ގުލްފާމްގޭ އަލްމަރުހޫމް އަޙުމަދު ޙުސައިންދީދީ (3)
ޢަލީ ނަޞީރު / މަޑަވެލި22 ނޮވެމްބަރ 201317:40
އަޅުގަނޑަށް ރަށަށް އާދެވުނީ، ދެއަހަރާއި އެތައްމަހަކު އެއަނިޔާވެރި ޙާލުގައި އުޅުމަށްފަހުގަ އެވެ. ރަށަށް އާދެވުނުއިރު ގެދޮރުވަނީ ހުސްކޮށްލާފަ އެވެ. ހުރި އެންމެ ފިރިހެންދަރިފުޅުވެސް އަނިޔާގައި ގެއްލި ދިޔައީ އެވެ. މުސްޠަފާވެސް ފޯއްމުލަކު ޖަލު (ސިންގަޕޫރު ޖަލުގައި) އޮވެ، ބަލިވެގެން ބޭސްކުރަން ނެރުނީ އެވެ. ދެން ރަގަޅުވެލީމާ، އޭނާއާއި ބައިވި ޒުވާން ކުދީންކޮޅެއް ހޯދައިގެން ފުރައިގެން އުޅެނިކޮށް ބެހުނީ އެވެ. އަދިއަދަށްވެސް ވީ ތަނެއް ނޭނގެ އެވެ.
އާދެ! ދިރިއުޅުމުގެ ހުރިހާކަމެއް މިވަނީ، އަލުން ފެށިފަ އެވެ. ދަވްލަތުން މިއަތޮޅު ފަތަޙަ ކުރެއްވުމަށްފަހު، ކުރިން އަޅުގަނޑަށް އޮތް ފަޅުރަށް މަރިޔަމްމަނިކެފާނަށް ދެއްވައި އަދި އަޅުގަނޑަށް އެހެންދެރަށެއް (ވަރުވާއަށް) ދެއްވައިފި އެވެ. ދާދިފަހުން (ޖުމްހޫރިއްޔަތަކަށް ވެސް ބަދަލުވީ ފަހުން) ކަތީބުކަމުން ނުލިބިވީ، މުސާރަ ވެސް ވަނީ ލިބިފަ އެވެ. ދުނިޔެއަކީ މިކަހަލަ އެއްޗެކެވެ. މިހާ ހިސާބަށް ވާހަކަ ދިޔައިރު 1.30 ވެއްޖެ އެވެ. އަޅުގަނޑުވެސް ނިދާލުމަށް އެނބުރިގެންފީ މެވެ. އެވާހަކަތަކުގެ އަސަރާއެކު ނިދުނީ، ކިހާއިރަކުކަމެއް ނޭނގެ އެވެ.
"ނޯޓް: އެ ދަތުރުގައި ގެއްލުނު އެނެއް ދެ މީހުންނަކީ، ހަވަރުތިނަދޫ ފޫޅުމައިގޭ ރަޝާދާއި، އެރަށު އޮޅަދިޔަގެ ފުތުގެ އަހަންމަދު އެވެ. އެމީހުންނާއެކު، ފުރަން ގަސްތުކުރި އަނެއް މީހާ އަކީ ހަވަރުތިނަދޫ ސްޓާރލިންގ އަޙުމަދު ދީދީ އެވެ. މޫސުން ގޯސްކަމުން އެނާއަށް ފުރަން ނުކެރުނީ އެވެ. އަނެއް 3 މީހުން، އެވެސްމަރު މިވެސްމަރު ކަމަށް ބުނެފައި ފުރީ އެވެ. މި 3 މީހުންނަކީވެސް ދިވެހިސަރުކާރާ އެއްކޮޅަށް ތިބުމުގެ ސަބަބުން ފުވައްމުލަކު އަދަގޮނޑީގައި (ގުދަނުގައި ބަންދުކޮށްފައި) މަސްތަކެއްވަންދެން ބެއިތިއްބުމަށްފަހު ރަށުތެރެއަށް ދޫކޮށްލި 3 މީހުން ނެވެ. ޙަސަން އަޙުމަދު ދީދީ / ސްޓާރލިންގ ގދ.ތިނަދޫ"
އަގޮސްޓް 29: ވަރަށްފަތިހާ ތެދުވެވިއްޖެ އެވެ. ހެނދުނު 8.30 ގައި ރަށުގެ ހުރިހާ އަންހެނުންނާއި ފިރިހެނުން އޮފީސްދޮށަށް އެއްކުރެވުނެވެ. އެއްމެންމެ ފެންނަނީ ވަރަށްސާފުކޮށެވެ. ޚާއްޞަކޮށް އަންހެނުންވަނީ ނަލަހެދިލާފަ އެވެ. ޢާއްމު ސިއްޙަތު ފެންނަނީ މެދުމިންގޮތެއްގަ އެވެ. އަންހެންވެރިން އައިސްތިބީ ކުޑަކުދީންވެސް ގޮވައިގެންނެވެ. އެހެންކަމުން ވާހަކަ ކުރިޔަށް ގެންދިޔުމުގައި ހިސާބަކަށް ދަތިކަމަކަށްވިއެވެ. އަޅުގަނޑު ވާހަކަފެށުމުގެކުރިން އަތޮޅުކޮމިޓީމެމްބަރު ޢަބުދުﷲ ދީދީ ކުރުތަޢާރަފެއް ދެއްވި އެވެ. އަޅުގަނޑު ވާހަކަ ބިނާކުރީ ޢާއްމު ޞިއްޙަތާބެހޭ ގޮތުންނެވެ. މެލޭރިޔާ ފައިލޭރިޔާ އަދި ކުދީން ފަނިވުމާބެހޭ ގޮތުންނެވެ. މަދިރިޔާ، މެހި މަދުކުރެވޭތޯ ބެލުމަށް ރަށުތެރެ އަލިކޮށް ސާފުކޮށްބޭއްވޭތޯ ބެލުމަށެވެ. ވާހަކަ ނިންމާލަމުން ތަޢުލީމާބެހޭ ގޮތުންވެސް އެއްޗެއް ބުނެލީމެވެ. ސަބަބަކީ، ރަށަށް ނިސްބަތްކުރެވޭ ރަނގަޅު ޢިލްމުވެރިން ތިއްބެވިއިރު މަދްރަސާއެއް މަކްތަބެއްނެތި އެތައްއަހަރެއް ވޭތުވެފައިވާކަމެވެ. އަޅުގަނޑުގެ ފަހުން ޢަބުދުﷲ ދީދީ އަޅުގަނޑުގެ ވާހަކައަށް ތާއީދުކުރައްވައި، ވާހަދެއްކެވި އެވެ. އޭގެފަހުން ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ހަމަމިވަގުތުން ފެށުމަށް، ކަތީބު އަޙްމަދު ދީދީ އަމުރުކުރެއްވި އެވެ. ވަރަށް އަވަހަށް ރަށުތެރޭގެ ބެދިފައިވާ މަގުތައް ކޮށައި ސާފުކުރެވޭތަން ފެންނަން ފަށައިފި އެވެ. 10 ގެ ފަހުން ރަށުގައި ތިބި ބައެއް ބަލިމީހުން އޮފީހަށް ގެނަސް ފަރުވާދިނުމުގެ ޕްރޮގްރާމެއް ފެށުނެވެ. ގަޑިޔެއް ހާއިރުފަހުން ދެން ދިޔައީ ޙާޒިރުނުވެވޭ ޙާލުބޮޑު މީހުން ބެލުމަށެވެ. މިބެލި މީހުންގެ ތެރެއިން ބަނޑުކޮޅުގައި އާދަޔާ ޚިލާފު ބޮޑު ފާރުގަނޑެއް ހުރި އަންހެނަކާ ދިމާވި އެވެ. ފާރުގަނޑުގެ ވަސްވެސް ވަނީ ނުބައިވެފަ އެވެ. މިމީހާއަށް ފަރުވާދީ ބޭސްއަޅައިދީ އުޅޭ ނާއިބު ޢަބުދުﷲ ދީދީއަށް ފަރުވާދިނުމުގައި އަޅުގަނޑަށް ފެންނަ ލަފާދިނީމެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ފެންވަރައިގެން ހުކުރަށް ދިޔައީ އެވެ. ހުކުރުމިސްކިތަކީ މެދުމިނު މިސްކިތެކެވެ. މަތިވަޑާންގަނޑު ވަރަށް ރަގަޅެވެ. ނަމަވެސް މި މިސްކިތަކީ، އެތައް އަހަރެއްގެ ކުރިން ރާނާފައިވާ އުވަ ނުޖަހައިހުރި ޢިމާރާތެކެވެ. ހުރީ ދޮރުފަތެއްވެސް ނުލަ އެވެ. ނުނިމިހުރެ ވީރާނާވާގޮތް ދައްކަމުން ދަނީ އެވެ. އެދުވަހުގެ އިމާމަކީ ކުޑަކަތީބު އަޙްމަދު ދީދީ އެވެ. މެންދުރުފަހުންވެސް އުޅެވުނީ ބަލިމީހުން ބެލުމުގަ އެވެ. ހަވީރު ދިޔައީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ.
ކުރިން ރޭވިފައި އޮތީ ރޭގަނޑު ދިޔަވަރު ލިބުނީމާ މިރޭ ފުރުމަށެވެ. ނަމަވެސް ހަވީރުވަމުން އައިއިރު ވައިގަދަވަމުން ދިޔުމާއެކު ޢަބުދުﷲ ދީދި ވަނީ ދަތުރު މާދަމައަށް ލަސްކޮށްފަ އެވެ. ވުމާއެކު، އަޅުގަނޑު ގަސްދުކުރީ މަސައްކަތާ ބެހޭގޮތުން އަލުން ރަށުގެ ޒުވާނުންކޮޅަކާއި ވާހަކަ ދައްކާލުމަށެވެ. މިރަށުގައި މަސައްކަތް ރަނގަޅަށް ކުރިޔަށް ދާނޭކަމަށްވެސް ފެނެ އެވެ. އުމުރުފުޅުން ދުވަސްވެ ތަޖްރިބާ ލިބިލައްވާފައިވާ ކަތީބު އަޙްމަދު ދީދީ ރައްޔިތުންލައްވާ މަސައްކަތްކުރެއްވުމަށް ވަރަށްފޯރީގައި އުޅުއްވަ އެވެ. ދުންގުޑުގުޑާ ހިތްޕަވަ އެވެ. ހަމައެއާއެކު އަތޮޅުކޮމިޓީ މެމްބަރު ޢަބުދުﷲ ދީދީ އާއި، ކުޑަކަތީބު އަޙްމަދު ދީދީ އަދި ނާއިބު ޢަބުދުﷲ ފިކުރީ ވެސް މަސައްކަތާއިގެން އުޅުއްވަ އެވެ. މިރަށަކީ، މިއަތޮޅުން އެންމެ ތަނަވަސް އެއްރަށްކަމަށް ފެނެ އެވެ. ރަށުގައި އިތުރުގޭގެ ރޭނުމާ ބައެއް ގޭގައި ޓިނުޖެހުމާއި މިބާވަތުގެ މަސައްކަތް ކުރަމުން ގެންދެވެ އެވެ. މިރަށުން ބޭރުކުރެވޭ އެންމެ އަގުހުރި އެކައްޗަކީ ކުނާވިޔާ "ހައި" އެވެ. ޢާއްމު އަގަކަށްވަނީ ރުފިޔާކަށް ވަށަމިން ފޫޓެއްހާ ފަލަމިނުގެ ބޮނޑި އެކެވެ. އަލައޮޅުތަކުގެ އެއްބައި އޮންނަނީ "ހައި" ހެއްދާފަ އެވެ. ރަށުތެރޭގައިވެސް އޮޅުތައް ހައްދާފައި އޮތުމުގެ ސަބަބުން މިރަށްރަށުން މަދިރި މަދުކުރުންވާނީ ވަރަށްބޮޑު ކަމަކަށެވެ. ޤުދުރަތީ ގޮތުން ހެދިފައިވާ އޮޅުތަކާ އަދި މަސައްކަތުން ހަދާފައިވާ މިއޮޅުތަކަކީ މިރަށުމީހުންގެ ދިރިއުޅުމުގެ އެއްބަ އެވެ. ޢާއްމުކޮށް ކެއުމުގެ މައިގަނޑަކަށް ގެންގުޅެނީ އަލަ އެވެ. ކެއުމަށް ފުދި އިތުރުވެ "އަލަ" ވިއްކާ ވަރަށްވެސް ލިބެ އެވެ.
ރޭގަނޑު 8:30 ގައި އަލުން އެއްކަލަ އެހީތެރިންގެ ގުރޫޕް އެއްކޮށް މަދިރިއާ ބެހޭ ގޮތުން އިތުރު މަޢުލޫމާތުދީ، ފެށިފައިވާ ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރީ މެވެ. އަޅުގަނޑުގެ ވާހަކައަށްފަހު، ޢަބުދުﷲ ދީދީ ކަމާގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަދައްކަވާ ނަސޭހަތްދެއްވި އެވެ. ކުރިން ދިޔަ ދެރަށުގައި ޢަބުދުﷲ ދީދީ ކުރުކުރުކޮށް އެއްޗެއް ވިދާޅުވި ނަމަ ވެސް މިހާރު ރަށަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުން ވަރަށް ދޫހިނގާ ބޭފުޅެއްކަން އެބަ އެނގެ އެވެ. ރަށުގެ ވެރިއެއް ނޫންނަމަވެސް މަސައްކަތްތަކުގައިވެސް ނުހަނު އިސްވެ އުޅުއްވާތީ ފެނެ އެވެ. ރަށުގެވެރިޔާ އަޙްމަދު ދީދީ އަކީ، އޭނަގެ ބަފައިކަލޭގެ ކަމަށްވުން މިއީ އެއްސަބަބަކަށްވުން އެކަށީގެންވެ އެވެ. ރޭގެ ބައްދަލުވުން ނިމުނީ މަސައްކަތު ގުރޫޕުން 3 އަވަށަށް ތިންވެރިން ލެއްވުމަށްފަހުގަ އެވެ.
މިއަދުމީ ފުރަން ކަނޑައެޅިފާވާ ދުވަހެވެ. އެކަމަކު ހެނދުނުއްސުރެ ވާރޭ ވެހެނީ އެވެ. މިހާރު ހެލްތު ސެންޓަރަށް ކޮންމެވެސް ވަރަކަށް ބޭސް ލިބިއްޖެ ޚަބަރުވެސް ލިބިއްޖެ އެވެ. އެހެންކަމުން މިހާރު ދަތުރު އަވަހަށް ކުރިއަށްގެންދިއުން ވަރަށް ބޭނުމެވެ. މިހާރު އަނެއް މަހަށްވެސް ފެށެނީ އެވެ. ރިޕޯޓުތައްވެސް މިއޮތީ ހަދަންޖެހިފަ އެވެ. ވާރޭވެހޭތީ މިއަދު ރައްޔިތުންގެ މަސައްކަތެއްވެސް ނެތެވެ. އަޅުގަނޑު ގުލްފާމުގެއިން ނުނުކުމެ ރޭޑިޔޯ ޖަހާލަޖަހާލާ މި އިންނަނީ އެވެ. މެންދުރާ ކައިރިވުމުން ޢަބުދުﷲ ދީދީ ގެއަށް ޖައްސާލީމެވެ. މެންދުރުގެ ޚަބަރުން އަޅުގަނޑުގެ ބަދަލުގައި މިއަތޮޅަށް ދުރުވަން ހަމަޖެހިފައިވާ (ހެލްތު އެސިސްޓެންޓް) ގދ.ގައްދޫ އަލްފާޟިލް އަބުދުﷲ ނަޞީރު ފާދިއްޕޮޅަށް ދުރުވި ޚަބަރު ކިޔައިފި އެވެ. އަނެއްކާ އަޅުގަނޑު މިތާ ކިހާދުވަހަކު ތާށިވެފައި ހުންނާނެބާވަ އެވެ؟
ފިޔޯރީ އަޙްމަދު ދީދީގެ ޢިބުރަތްތެރި ވާހަކަ (2) މިދަތުރު ފެށުނީ ކުރީ ބަޣާވަތުގެ ވާހަކައިންނެވެ. ކުރީގައި ވިދާޅުވެ ދެއްވާފައި ވަނީ ދެވަނަ ބަޣާވަތުގައި އޭނާއަށް ޖެހިވަޑައިގެންނެވި ޙާލުކޮޅެވެ. ހުރި އެންމެ ފިރިހެންދަރިފުޅު ގެއްލިދިއަ ގޮތެވެ. ފުރަތަމަ ބަޣާވަތުގައި ވެސް ފެށުނީ އަތުގައި ރޯނުއޮޅާ ހަވަރުތިނަދޫގައި ހަވަރަށް ދެއްވުމުން ނެވެ.
"އެއްބަނޑު އެއްބަފާ ޝައިޚު ޒުހްރީޔާވެސް އެކުގަ އެވެ. ހިތްޕުޅަށް ގެންނަވާށެވެ. ބައްޕައާއި، ބޭބެގެ އަތުގައި ބޮޑުރޯނު އޮޅާފައި (އިހުޒަމާނުގައި ރޫމީންގެ އަނިޔާވެރި ވެރިކަމުގައި ސިންގާއަށް ކާންދޭން "ކުށްވެރިވާ" އިންސާނުން ގެންނަހެން) ހަވަރަށް ދިނުމަށްޓަކައި އެއިރު އޮތް އަނިޔާވެރި ސުވައިދީބު ސަރުކާރުގެ އެއްވުމެއްގެ ތެރެޔަށް ގެނެވުނުއިރު އެތާނގެ ކާތިބަކަށް އިނީ އަޙްމަދު ދީދީގެ ދަރިފުޅު މުސްތަފާ އެވެ. މުސްތަފާއަކީ ކުރީގެ އަތޮޅުވެރި އަލްއުސްތާޛު ނ.ތ. ޙަސަންދީ ވެސް ގެންގުޅުއްވި ކާތިބެވެ."
އާދެ! ވަރުގަދަ އަތެއް އައިސް އަޅުގަނޑުގެ ކަނދުރާމައްޗަށް ވެއްޓިއްޖެ އެވެ. ދެނަކާދެނެއް ނެތެވެ. ޒުހްރީގެ ހާލުކޮޅެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެއްބަޔަކު އަނިޔާކުރި ނަމަވެސް އަނެއްބަޔަކު އަޅުގަނޑު ގެންގޮސް މަދަރުސާ "އަމީރުއިބްރާހިމް" ގެ ތެރެޔަށް ވެއްދިކަން އެއީ ނަސީބެކެވެ. ދެން އެތައްމިތާ ފިލާ އުޅެނިކޮށް އަނެއްކާވެސް އަނިޔާވެރިންގެ އަތުގައިޖެހި އަޅުގަނޑު ގެނެސް އަތޮޅުގޭ ފާރުމަތިން އެތެރެއަށް ވައްޓާލައިފި އެވެ. ޒުހްރީ އެތަނަށް ގެނެވުނުއިރު ހުންނެވީ މީހެއްގެ ބައު މުންޑުފަޅިޔެއް އަނދެވަޑައިގެން ނެވެ. އަޅުގަނޑަށް ރޮވުނީ ޒުހްރީ ފެނުނީމަ އެވެ. ދެން އަޅުގަނޑު ލައިގެން ހުރި ގަމީސް ބާލާ ޒުހްރީ ލާން ދިނީމެވެ. ކުޑައިރުކޮޅަކުން އަތޮޅުގޭ އަނދިރި ކޮޓަރިއެއްގެ ތެރެއިން އިވުނީ އަޅުގަނޑުގެ މުސްތަފާ ރޯ އަޑެވެ. ކުރިން ދެންނެވި ވަގުތު އޭނާގެ ގައިގާވެސް ތަޅާފޮޅައިގަތީ އެވެ. އެއަނދިރި ޖަލުގެކާނާ......ރަމަޟާންމަހެވެ. ދުވަސްކޮޅަކަށްފަހު ޒުހްރީ އަރުވާލީ އެވެ. މުސްތަފާއަށް އަނިޔާކުރުމަށްފަހު (ބަންދުކޮށްފައި) އޭނާ ރަށަށް ބޭސްކުރަން ފޮނުވީ އެވެ. އަޅުގަނޑުވެސް އަރުވާލަން ނިޔާ ކަނޑައެޅުމަށްފަހު، އޭގެފަހުން ފޮނުވާލުން ރަނގަޅު ކަމަށް ނުފެނެވެ. އެއްވެސް އެއްޗެއް ނުކައި ބައެއްދުވަހު ރޯދަ ހިފަންޖެހޭތީ އަޅުގަނޑު ޙާލު ވަރަށްދެރަވާން ފަށައިފި އެވެ. އެއްދުވަހު ފެންބޯން (ދާނީން) ފެން ނަގައިފައިވެސް ރޯދައަށް ހުރެގެން މަރުވުމުގެ އެދުން ބޮޑުކޮށްލާފައި ގޮސް އޮށޯތީ އެވެ. ހަމައެދުވަހު އަޅުގަނޑަށް ކާންދިނުމަށް އަންގަވައިފި އެވެ. އިރުއޮއްސުނު އިރު ގެނައި ތަށިބަރިއެއް، ސުބްޙާނަﷲ! ކުކުޅު ރިހައިން ފެށިގެން، ހެދިކާއިން ސަންބޯސާއަށް ދަންދެން ހުއްޓެވެ. 9 ޖެހިއިރު ސަޔާއެކުވެސް ހަމަ އެހާ ގިނަ ސާމާނު ހުއްޓެވެ. އެހާހިސާބުން ކާންލިބޭލެއް މޮޅުކަމުގެ ކޮޅެއް ނެތެވެ. ދުވަސްކޮޅަކަށްފަހު އޮފީހަށް ފޮނުވަން އަޅުގަނޑު ސޮއިކޮށްލަންވީ އެވެ. މަޢާފުގެ ސިޓީ ދިޔުމާއެކު ނާރޭތަކުބީރަށް އަލުން ހަވަރު އެއްވެލައްވައި އަޅުގަނޑަށް މަޢާފު ދެވިއްޖެ އެވެ. ބޮޑު ފޮށިގަނޑެއް މައްޗަށް އަރައިހުރެ އަޅުގަނޑުވެސް ސުވައިދީބު ސަރުކާރަށް ކިޔަމަންތެރިކަން އަދާކުރާނޭކަމުގައި ދެންނެވީމެވެ. އޭގެފަހުން އަޅުގަނޑު އެބޭފުޅުންގެ ތެރޭގައި ހަވަރުތިނަދޫގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ މެވެ. އާދެ! ވާހަކައަކީ ޢިބްރަތުން ފުރިގެންވާ ލިޔަން ބޭނުން ވާހަކައެކެވެ. ނަމަވެސް، އެންމެ ފަހަރަކު އަހާލާފައި އޭގެ ދެ ދުވަހެއް ފަހުން ލިޔަންވީމާ...... އަޙްމަދު ދީދީ އަރިހުން މަޢާފު އެދެމެވެ. ފުރަތަމަ ފަތަޙައިގެ ދުވަހާއި ޖެހެންދެން އޭނާ އާއި ދިމާވި މުހިއްމު ހުރިހާ ޙާދިސާތަކެއް ކިޔައިދެއްވި އެވެ. ކޮންމެއަކަސް އަޙުމަދު ދީދީ ހޭދަކުރައްވާފައިވާ "އެކުވެރި" ސިޔާސަތު ވަރަށްމޮޅެވެ. ފިޔޯރިން ފުރައިގެން ނަޑެއްލާ ބޭރަށް އާދެވެންދެން އޮތީ، މިވާހަ އެވެ. އަޙުމަދު ދީދީ ވިދާޅުވެ ދެއްވި ހުރިހާ ވާހަކައެއް ލިޔެލެވުނު ނަމަޔޭ މިހާރު ހިތަށް އަރައެވެ. އެވާހަކަތައް ލިޔެލެވުނުނަމަ އަޙްމަދު ދީދީގެ ހިތްވަރުފުޅު ގަދަކަމާއި ސަރުކާރަށް ބެހެއްޓެވި ތެދުވެރިކަމުގެ ދިރިހުރި މިސާލުތަކަށް ވީސް ކަން ޔަގީނެވެ.
އިސްވެ ދެންނެވި ވާހަކަތަކުންވެސް ކޮންމެވެސްވަރަކަށް ސިފަކުރެއްވޭނެކަމަށް ހީކުރަމެވެ. ކޮންމެއަކަސް އަޅުގަނޑު ދުށް އަޙްމަދު ދީދީ އަކީ، ހިތްވަރުގަދަ ފަހުލަވާނެކެވެ. ހިތްޕުޅުހެޔޮ ދީލަތި ބޭފުޅެކެވެ. އަތޮޅުގެ ގިނަބަޔަކުގެ އިޙްތިރާމް ހޯއްދަވަމުން ގެންދެވި، ވަފާތެރި ޤަވްމީ ޚިދުމަތްތެރިއެކެވެ. ފިޔޯރީ އަޙްމަދު ދީދީއަކީ، ރާއްޖޭގެ ޢިލްމުވެރި ޢާއިލާއެއްގެ ބޭފުޅެކެވެ. ތަފްޞީލުކޮށް ދަންނަވާނަމަ އަޙުމަދު ދީދީ އަކީ، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އަރައިހުންނެވި ފަޟީލަތުއްޝައިޚު ޢަލީ ޙުސެން ދީދީ އާއި، ޢިލްމުވެރި ޝައިޚު ޒުހްރީ އާއި އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. އަޙްމަދު ދީދީ އުފަންވީ، ޖުލައި 15، 1910 ގައި ހުވަދު އަތޮޅު ފިޔޯރީގެ ތަނަވަސް ޢާއިލާ އަކަށެވެ. ރަށުން ލިބިވަޑައިގެންނެވި ތަޢްލީމެއް ޙާސިލް ކުރެއްވުމަށްފަހު މާލެވަޑައިގެން ތަޢުލީމު ޙާޞިލު ކުރެއްވީ އެއިރު "މަދްރަސާއެއްކަމުގައިވި" ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު އަރިހުން ނެވެ. ރަށަށް ވަޑައިގެންނެވުމަށްފަހު، މުރާލިކަމާއެކު، ދިރިއުޅުމުގެ މަސައްކަތްތައް ފެއްޓެވި އެވެ. މަސްދޯނިފަހަރު ދުއްވުމާއި ފަޅުރަށްރަށް ލިޔުއްވާ ބެލެހެއްޓެވުމާ ވިޔާފާރި ކުރެއްވުމެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އަތޮޅުގެ ބައެއް އިސްމަގާމްތަކާއި، ސަރުކާރުގެ ބައެއް މަގާމް ހިމެނެ އެވެ. އެންމެ ގިނަދުވަހު އަދާކުރެއްވި ވަޒީފާއަކީ، ފިޔޯރީގެ ކަތީބުކަމެވެ. ކައިވެނީގެގޮތުން އައްޑޫ ހުޅުދޫ ވާރުގޭ މަރިޔަމް މަނިކެފާނާއި ގުޅިވަޑައިގެން ފިރިހެން 3 ބޭފުޅުންނާއި އަންހެން 4 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް މިހާރު ދުނިޔޭގައި ތިއްބެވީ އަންހެން 3 ބޭފުޅުން ނެވެ. އުފާވެރި ތަނަވަސް ދިރިއުޅުއްވުމަކަށްފަހު، ދިގު އާލާސްކަންފުޅެއްގައި މާލޭގައި ދުވަސްތަކެއް ހޭދަކުރައްވި އެވެ. ދެމިއޮތުމުގެ އަޙުމަދު ދީދީ އަވަހާރަވީ، ނޮވެމްބަރ 28، 2009 ގަ އެވެ. ކީރިވަންތަ ﷲ މިމަރްޙޫމަށް ފުއްސެވުމާއި ރުއްސެވުން އިތުރުކުރައްވައި ދާއިމަށް ދެމިހުންނަ ސުވަރުގޭގެ ނިޢްމަތުގައި ލަހައްޓަވާށި. އާމީން!
ކާކުތޯ ނުދާނެނީ މިގުލްޝަނުން ވަކިވެ ހިގާ، ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި،
އިއްޔެގައި އެކީއުޅުނު މިތުރުނާ އަޒީޒުނާ، ވިއްޔެވަކި މިފާލަމުން ކުރިދަތުރު އެނިންމަމުން.