Vaadhoo Ronaa Anbeyya
Saturday, 25 January 2014 Vaadhoo Ronaa Anbeyaa Vaadhoo Rona Anbeyaa - a long poem naming all the islands in Huvadhoo atoll and describing their unique characteristics. There was once in Vaadhoo a couple who had a child who continuously cried and wouldn't go to sleep. The child cried so much his parents didn't know what to do to stop him. So to scare him into silence they left him out in the yard for the Rona (a spirit which attacks children who cry) to take him. To their surprise, the Rona snatches the child and flies with it to all the islands in Huvadhoo atoll, singing the poem. By dawn, the Rona has circled the atoll and reaches Vaadhoo again. The worried parents find their child at their doorstep but the poor boy's eyes have been sucked out. The blind boy repeats the Rona's poem to his parents before breathing his last breath in their arms. ވާދޫ ރޮނާ އަންބެޔާ ވާދޫން ފުރައިފިއްޔާ، ކަޑަހަލަގަލަ ނުބަލައިފިއްޔާ، ފަތަކާ ފަތަކު ލައިފިއްޔާ، ފުއްސަރު ބޭރުން ގޮސްފިއްޔާ، ….. މިނޫން ގޮތަކަށް ކިޔާ އަޑުވެސް އެހީމެވެ. ވާދޫން ފުރައިފަންޏާ، ކަޑަހަލަގަލަ ނުބަލަންޏާ، ރަށަކާ ރަށަކު ލަންޏާ، ފުއްޓަރު ބޭރުން ދަންޏާ، ….. މިއީ “ވާދޫ ރޮނާ އަންބެޔާ” ގެ ފެށުމެވެ. ވާދޫ އަކީ ހުވަދު އަތޮޅު ވާދޫ އެވެ. ރޮނާއަކީ ރޯ ކުއްޖާ އެވެ. އަންބެޔާ އަކީ އަންބާ އެވެ. ވާދޫ ރޮނާ އަންބެޔާގެ ލަފުޒީ ތަރުޖަމާއަކީ، “ވާދޫ ރޯ ކުއްޖާގެ އަންބާ” ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް މިއީ ރަނގަޅު ތަރުޖަމާއެއް ނޫނެވެ. އެ އަންބާއަކީ، ރޯ ކުއްޖާ ކީ އަންބާއެއް ނޫނެވެ. އަދި އެ ކުއްޖާގެ ވާހަކަ ކިޔާދީފައިވާ އަންބާއެއް ވެސް ނޫނެވެ. އެކަމަކު އެއީ ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ވާހަކަ ކިޔާދީފައިވާ އުސްޠޫރާއެކެވެ. ވާދޫ ރޮނާ އަންބެޔާ އުފަންވީ ކިހިނަކުންތޯ އެވެ؟ އެއާބެހޭ ގޮތުން އަޅުގަނޑު އަޑުއެހި ރިވާޔަތެއްގައި ކިޔައިއުޅޭ ގޮތް ތިރީގައި މިވަނީ އެވެ.
…………… ވާދޫގައި ރޯ ކުއްޖެއް އުޅުނެވެ. އެއްރެޔަކު އެ ކުއްޖާ ރޯންފެށި އެވެ. ދެން އެ ކުއްޖާ ރުއިން ހުއްޓާލާތޯ އެ ކުއްޖާގެ މަންމައާއި ބައްޕަ އެއްޗެހި ދީ، އާދޭސްކޮށް، ނަސޭހަތް ދީ، އެތައް މަސައްކަތެއް ކުރި އެވެ. ނަމަވެސް އެ ކުއްޖާ ރުއިމެއް ނުހުއްޓި އެވެ. ގިސްލަ ގިސްލާފައި އަޑުން އަޑުނަގާ ރޮނީ އެވެ. ވީ ކީއްކަމެއް ވެސް ނުބުންޏެވެ. އެންމެފަހުން އެރޭ ދަންވަރު އެކުއްޖާގެ މަންމައާއި ބައްޕަ ބުންޏެވެ.
"ދަރިފުޅު މިރޭ ރުއިން ހުއްޓާ ނުލައިފިއްޔާ، ދަރިފުޅު ދޭނީ "ވާދޫ ރޮނާ" އަށެވެ." މިހެން ބުނުމުން ވެސް އެކުއްޖާ ރުއިމެއް ނުހުއްޓި އެވެ. ދެން މައިގޭ ދޮރު ހުޅުވާލާފައި އެކުއްޖާ ފެންޑާތެރޭގައި ބެހެއްޓުމަށްފަހު، އެކުއްޖާގެ މަންމައާއި ބައްޕަ ބުންޏެވެ.
"ވާދޫ ރޮނާ އެވެ! މީނާ ގެންދާށެވެ!" މިހެން ބުނެ، ދޮރު ލައްޕައި ތަންޑު އެޅުވި އެވެ. ކުޑަ އިރުކޮޅެއްފަހުން، ދަރިފުޅު ރޯއަޑު އިވުން ހުއްޓިއްޖެ އެވެ. ދެން ދޮރު ހުޅުވައި ބެލިއިރު ދަރިފުޅު ޖެހުނުތާ ލަކުނެއް ވެސް ނެތެވެ. ކުއްޖާގެ މަންމައާއި ބައްޕަ ޙައިރާންވެ އަންތަރީސްވެއްޖެ އެވެ. އަދި އެހައިމެ ބޮޑަށް ދެރަވެ ހާސްވެއްޖެ އެވެ.
"ޔަޤީނެވެ. އަހަރެމެންގެ ދަރިފުޅު، ވާދޫ ރޮނާ ގެންދިޔައީ އެވެ.ވާދޫ ރޮނާ އަހަރެމެންގެ ދަރިފުޅު ކާލާނެ އެވެ.” އިރުއަރަންދެން ކުއްޖާގެ މަންމައާއި ބައްޕަ ރޮއި ހިތާމަކުރި އެވެ. ކެތްތެރިކަން ކުޑަކޮށް ކުއްޖާ ގެއިން ބޭރަށް ލެވުނީތީ އެވެ.
"ނަމަވެސް ކުރާނެ ކަމެއް ނެތެވެ.ވާނެއެއްޗެއް ވެ ނިމުނީ އެވެ.ދަރިފުޅު ދެނެއް ނުފެންނާނެ އެވެ.އަހަރެމެން ދެމަފިރިންނަށް މިކުރެވުނީ ހާދަހާ މޮޔަކަމެކެވެ.” އެ ދެމަފިރިން އެ ރޭ ހޭދަކުރީ ހިތާމައިގެ ތެރެއަށް ޣަރަޤުވެފައިވާ ޙާލުގަ އެވެ.ފަތިހުގެ އަލިކަން ފާޅުވުމުން، ފަތިސް ނަމާދަށް ދިއުމަށްޓަކައި ގޭ ދޮރު ހުޅުވާލި އެވެ. އެވަގުތު ފެނިގެން ދިޔައީ އުފަލާއި ހިތާމަ އެކުއެކީގައި ލިއްބައިދިން މަންޒަރެކެވެ.
"މިހިރީ ދަރިފުޅެވެ.މިހިރީ އަހަރެމެންގެ ދަރިފުޅެވެ.” ދަރިފުޅު ފެނުމުން މަންމައާއި ބައްޕަ ވަރަށް ބޮޑަށް އުފާވި އެވެ. އަވަހަށް ގޮސް ދަރިފުޅު އުރާލި އެވެ. ނަމަވެސް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ!
"ދަރިފުޅުގެ ދެލޮލެއް ނެތެވެ.ވާދޫ ރޮނާ، މިވަނީ ދަރިފުޅުގެ ދެ ލޯ ބޯލާފަ އެވެ.” ދަރިފުޅު ބުންޏެވެ.
"ޖިންނި އަހަރެން ގޮވައިގެން އަތޮޅުވަށާ ބުރެއް ޖެހި އެވެ.ހުރިހައި ރަށެއް ދެއްކި އެވެ.އަދި ވަރަށް ދިގު އަންބާއެއް ކިޔެވެ.އެޔަށްފަހު ބުންޏެވެ.ކޮންމެ މަސައްކަތަކަށް އަގެއް އޮންނަންވާނެ އެވެ.ތިމަން މިކުޅަ މަސައްކަތުގެ އަގަކީ ތިބާގެ ދެ ލޮލެވެ.މިހެން ބުނުމަށްފަހު، ޖިންނި އަހަރެންގެ ދެ ލޯ ބޯލި އެވެ.”
"އެއީ ކޮން އަންބާއެއްހެއްޔެވެ؟"މަންމައާއި ބައްޕަ އެހި އެވެ. ދެން ދަރިފުޅު އެ އަންބާ ކިޔާދިނެވެ. ވާދޫން ފުރައިފަންޏާ، ވާދޫން ފުރައިގެން (ދަތުރުކުރަމުން) ދާއިރު، ކަޑަހަލަގަލަ ނުބަލަންޏާ، ކަޑަހަލަގަލަ ނުބަލައި ދާއިރު، ރަށަކާ ރަށަކު ލަންޏާ، ރަށަކަށްފަހު ރަށެއް ފަސްދީ އޮބާލަމުން ދާއިރު، ފުއްޓަރު ބޭރުން ދަންޏާ، ފުއްޓަރު ބޭރުން ދަތުރުކުރަމުން ދާއިރު، ދެ ލޯ ނެތެއް ކަމަކު، އެ ކުއްޖާ މި އަންބާ އެއްކޮށް ކިޔާދިނެވެ. އެއަށްފަހު، އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެއްޖެ އެވެ.
<><><><><>
"ވާދޫ ރޮނާ" އަކީ ޖިންނިއެކެވެ. ނުވަތަ ފުރޭތައެކެވެ. އެއީ ރޯ ކުދިންނަށް ގޯނާކުރާ ފުރޭތައެކެވެ. ރޯ ކުދިންގެ ދެ ލޯ، އެ ފުރޭތަ ބޯލާނެ އެވެ. އަދި އެކުދިންގެ ގައިން ލޭ ބުއިމަކީ ވެސް އެ ފުރޭތަ ކުރާ ކަމެކެވެ.
"ވާދޫ ރޮނާ އަންބެޔާ" ގެ ރަނގަޅު ތަރުޖަމާ އަކީ، "ވާދޫ ރޮނާ އަންބާ" އެވެ. ނުވަތަ "ވާދޫ ރޮނާ ފުރޭތަ ކިޔައިދިން އަންބާ" އެވެ. ފުރޭތައިގެ ނަން އުފެދިފައި ވަނީ، "ވާދޫ" އާއި "ރޮނާ" (ރޯ ކުއްޖާ) ގެ ނަން ތަރުކީބުވެގެންނެވެ. ދެން އޮތީ ފުރޭތަ ކިޔައިދިން އަންބާއިން ނުލިޔެވި އޮތް ބައިގެ ވާހަކަ އެވެ. މިތަނުގައި އެބައި ލިޔެ ޢާއްމުކުރުމަކީ، މިހާރު މަޞްލަޙަތު ހުރި ކަމެއް ކަމުގައި ނުވެދާނެ އެވެ. ބައެއް ރަށްރަށުގެ ފަތިފުށް އޭގައި ހާމަކޮށްފައިވާތީ އެވެ. އޭގައި ބުނެދީފައިވާ ނޭދެވޭ ބައެއް ސިފަތައް، މިހާރު ވެސް ބައެއް ރަށްރަށުގެ އަހުލުންގެ ކިބައިން ފެނެ އެވެ. ބައެއް ސިފަތައް ވަނީ މާޒީއާއެކުވެގެން ގޮސް އޮބާލާފަ އެވެ. އެއް ރަށެއްގައި ސޫފީން އުޅޭކަމަށް އަންބާގައި ވެ އެވެ. އެ ސޫފީންނަކީ، އަޅުކަން ކުރުމުގައި މަޝްޣޫލުވެގެން ތިބޭ ޞޫފީންނެއް ނޫނެވެ. އެކަމަކު އެއީ ޖަނަވާރުތަކެއް ފަދަ ބަޔެކެވެ. އެރަށަށް ދާ ބީރަށްޓެހިންނާ އެބައިމީހުން މުޢާމަލާތްކުރަނީ، ޖަނަވާރުތަކެއް ފަދައިންނެވެ. މިސާލަކަށް އެރަށަށް ދާ ބީރަށްޓެއްސަކު މަރުވެއްޖެނަމަ، ވަޅެއް ނުލާނެ އެވެ. ހިނަވައި ކަފުނެއް ވެސް ނުކުރާނެ އެވެ. އެކަމަކު އެބައިމީހުން ހަދާގޮތަކީ، މައްޔިތާ ގެންގޮސް ވަލުތެރެއަށް އެއްލާލަނީ އެވެ. މަރުވާ ޖަނަވާރެއް، ބިންމަތީގައި އޮވެ ކުނިވެގެންދާ ފަދައިން ނިމިދިއުމަށްޓަކަ އެވެ. އަނެއް ރަށެއްގެ މީހުންނަކީ ޖާބީން ކަމަށް ބުނެފައި ވެ އެވެ. ޖާބީންނަކީ ކޮން ބަޔެއްތޯ އެވެ؟ އެއީ ލާޗާރުބިޗާރަށް އުޅޭ މީހުންނެވެ. ފޭރޭ މީހުންނެވެ. ހަމައެއް ލަމައެއް ނެތި ދިރިއުޅޭ މީހުންނެވެ. ގޮތެއް، ފޮތެއް، ދީނެއް ނެތް މީހުންނެވެ. އެބަޔެއްގެ ކިބައިގައި މަތިމައްޗަށް މޮއްކޯރުކަމާއި ނުލަފާކަން ތަރުކީބުވެފައިވާ މީހުންނެވެ. (މޮއްކޯރުކަމަކީ ޖާހިލުކަމެވެ. މޮއްކޯރުންނަކީ މަރުމޯއިންނެވެ.) ސޫފީން ތިބި ކަމަށް ބުނާ ރަށުގައި މިހާރަކު އެބައިމީހުންނެއް ނެތެވެ.އަދި ޖާބީން ތިބި ކަމަށް ބުނާ ރަށުގައި މިހާރަކު އެބައިމީހުންނެއް ވެސް ނެތެވެ. އަދި އެހެން ރަށެއްގެ ވާހަކަ އެވެ. އެރަށަކީ، “އަމާންކަމެއް ނެތް ބިންގަނޑެއް” ކަމަށް ބުނެފައި ވެ އެވެ. އެއީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެރަށުގައި ބޮޑު އާބާދީއެއް އޭރު އޮތެވެ. އޭރުގެ އާދަކާދައިގެ މަތިން އަންހެން ކުދިން ބާލިޣުވުން ފާހަގަކުރާ ދުވަހާބެހޭ ވާހަކަތަކުން އެކަން އެނގެ އެވެ. އަހަރަކު ސާޅީހަށްވުރެ ގިނަ އަންހެން ކުދިން ބާލިޣުވާނީ ކިތައް މީހުންގެ އާބާދިއަކުންތޯ އެވެ؟
"ވާދޫ ރޮނާ އަންބެޔާ" ގައިވަނީ ހަމައެކަނި ރަށްރަށުގެ ގޯސް ވާހަކަތައްތޯ އެވެ؟ ނޫނެކެވެ. ރަށްރަށުގެ ރަނގަޅު ވާހަކަތައް ވެސް އޭގައި ވެ އެވެ. އެއީ ހުވަދު އަތޮޅު ރަށްރަށާއި ރަށްވެހީންގެ ޙަޤީޤަތް ބުނެދޭ އުސްޠޫރާއެކެވެ. ނުވަތަ އެއީ ހުވަދު އަތޮޅުގެ ޙަޤީޤަތު ނާމާއެކެވެ. އެއީ، އަދަބިއްޔާތުގެ މައިދާނުގައި ބަނޑޭރި ޙަސަންމަނިކުފާނުގެ ދިޔޯ ރައިވަރު ފަދަ އަގުބޮޑު ތަރިކައެކެވެ. ހުވަދު އަތޮޅުގެ ސަގާފަތާއި އަދަބީ ތަރިކަ، އެޔާ ނުލައި ފުރިހަމަ ނުކުރެވޭނެ ޖަވާހިރެކެވެ.
…………………….. ތިރީގައި މިވަނީ، ވާދޫ ރޮނާ އަންބާއިން ކިޔުންތެރިން ހުށަހަޅުއްވާ ބައިތަކެވެ.
ކިޔުންތެރިންގެ ޤަލަމުން ހުށަހެޅުއްވީ: އާމިނާ ވާދޫން ފުރައިފަންޏާ ކަޑަހަލަގަލަ ނުބަލަންޏާ ފުއްޓަރު ބޭރުން ދަންޏާ ހޯޑެއްދޫ ކޭވަކު ފޮނި ކަންޏާ މަޑަވެލީ ކުފުރުންގެ ރަށޭ ތިނަދޫ މީހުން ހެއްސިގަތާ ލެއްވިގަތާ
ވާދޫ ކަވެޔާ ހުށަހެޅުއްވީ: ތުއްތުކާ ވާދޫން ފުރާ ފަންޏާ ކަނޑަހަލަގަލާ ނުބަލަންޏާ ފުއްޓަރު ބޭރުން ލަންޏާ ކުރެދި ކަނޑާ ރެހާދޮގޭ މަސްބާނީ ގަޒީރައޭ ފަންފިލަހާ މަގުއްދުއޭ ގައްދޫ ކުދިން ކުޅޭ ކުޅިޔާ އަނބި ފިރިޔާ ވާކުޅިޔާ އަދުމަބަލާ ފޫހިނުވާ ކުޅިޔާ މާވެއްދޫ އެތެރެހެވޭ ބޭރު ނުބައޭ ކަޅެ ހަމަލު ދެކޮޅު ދެނާއިބުން ތިބެތޭ ގޮޅާލި ގޮޅާލިކަމަނާގެ ރަށޭ މެންތަންދޫ ނެރަށްބަލާ ދެރަށް ދޮގޭ ހުޅުވާރެހު ތަހުލީލޭ ރެއްދަފުށީ ރަދުންގެރަށޭ މާ ވާރެލު މިނި މެރިޔާ ހުޅުދޫގޭ ދޮރެއްނެތޭ ކޮނޑޭ މަލާ ރީތިމަލާ ގެމަނަފުށީ ވަސްނުދުވާ މަސްކާ ރަށެކޭ ނެލަންދޫ ސޫފިންނޭ ދާންދޫ ކަނބާތަކުނޭ މާމެންދޫ ފަޅޯފެނާ ވިލިގިލީ އޮޅުކެލަލޭ ފެންނުބައޭ މަދުރުކައޭ ބިސްހިއްތަލެ ހަގަދޫނީ ބަޅު މިކިޔާ ހޯރައަރާ މިނިމެންސޭ ކެރަމަތި ފަޅު ދެކާއްބައޭ އަރައިކަނޭ ބޮޑު ރިހަޔޭ ތެނަދޫ ކުދިން ފެއްސިގަތާ ލެއްވިގަތާ މަޑަވެލީ ކުފުރުންގެ ރަށޭ ހޯޑައްދޫ ކޭވަކެފެނެ ފޮނިކަންޏާ ނަޑާލީ ކަނބުރުންގެ ރަށޭ ފިޔޯރީ ހާވިއްކާ ކާ ރަށެކޭ ލާބަދުވާ ލާބަހެވޭ ލާބަ އިތުރު ވާރަށެކޭ އެއްލޮނޑި ތަކުރުންގެ ރަށޭ ހޫނުތިބޭ ތޮޑާ ދޮގޭ ހަލިމިރަށު ބާއިލަޅޭ މެދަށް އޮތީ ކަޅައިދުވޭ ފަރަހު ހުއްޓޭ ކޮޑަށް އެއްލޫ
ހުށަހެޅުއްވީ: ދީދީ ކަރުމަޅި ޖެހީ ދިޔަދުއޭ. ދެން ކޮނޑޭ މަތީ ލާބަދުއޭ. ލާބަހެވޭ ވިލިނގިއްޔޭ.
ހުށަހެޅުއްވީ: ކިއުންތެރިއެއް ތުއްތުކާ ހުށަހަޅުއްވާފައިވާ ބައި ވަރަށް ރަނގަޅެވެ. ނަމަވެސް އެބަޔަށް އެއްޗެއް އިތުރުކޮށްލާނަމެވެ. ކަވައިގެ އަޞްލުގައިވަނީ، “މާމެންދޫ ފަޅޯފެނާ” އެއް ނޫނެވެ. އޭގައިވަނީ: “މާމެންދޫ ބޮޑުންތިބޭ” އެވެ. "މާމެންދޫ ފަޅޯފެނާ" ކިޔަން ފެށުނީ، ހަވަރުތިނަދޫން މީހުން ބޭލިދުވަސްވަރުގައެވެ. އެދުވަސްވަރު ގިނަބަޔަކު ހާލުގައިޖެހިގެން މާމެންދުއަށް ދިޔައެވެ. އޭރު މެހުމާނުންނަށް ފަޅޯ ފެންފޮދެއް ވެސް ފަސޭހައިން ލިބެނީ މާމެންދޫއިންނެވެ. މިހެންވެ އެރަށަށް ތާރީފުކުރުމުގެ ގޮތުން އެދުވަސްވަރު މި އަންބާ ކިޔާއިރު "މާމެންދޫ ފަޅޯފެނާ" އެވެ. ކިޔައިއުޅުނެވެ. އޭރު ފަޅޯގަހުގެ ކުރިން ފެށިގެން މުލައްދާންދެން ކައިއުޅުނެވެ. އެއިން ބަތްޕެނާއި ބޮނޑިބަތާއި ރިހަ ފަދަ ތަކެތި ކައްކާފައިވެއެވެ. ބޮޑު ތަދުގެ ދުވަސްވަރު ވެސް އެއީ މީރުކާނާއެއް ކަމުގައިވިއެވެ. "ވިލިގިލީ އޮޅުކެލަލޭ" މިހެން ނުކިޔައެވެ. އަންބާގެ އަސްލުގައިވަނީ، "ވިލިގިއްލޭ އޮޅުކެލަލޭ" އެވެ. ބައެއް ރަށްރަށު މީހުން، "ވިރިގިއްލޭ" ކިޔައިއުޅުނެވެ. ބައެއް ރަށްރަށު މީހުން "ވިރިޣިއްލޭ" ކިޔައިއުޅުނެވެ. "ވިލިގިއްލޭ އޮޅުކެލަލޭ" ކިޔަނީ އެރަށް ދެރަކުރުމުގެ ގޮތުން ކަމަށް މިހާރު މީހަކު ހީކޮށްފާނެއެވެ. ނަމަވެސް އަންބާގައި އެހެން ކިޔާފައިވަނީ، ވިލިނގިލީގެ ބިމުގެ މުއްސަނދިކަމާއި އެރަށުގެ ދަނޑުވެރިކަން ބަޔާންކުރުމުގެ ގޮތުންނެވެ. އޮޅުއަލަ ދަނޑުތައް ގަދަޔަށް ހެދޭއިރު، މަދިރި ގިނަވާނެއެވެ. އޮޅުއަލަ ދަނޑުތަކުގައި ފެން ނުބައިވާނެއެވެ. އެއީ ޗަކަބިމެވެ. ނުވަތަ އާނުކަނޑައިގެން ކުނިއަޅައިގެން ހަދާފައިވާ ޗަސްބިމެވެ. ފެން ނުބައިވާ ސަބަބަކީ އެއީއެވެ. ފެންނުބައިކަމާއި މަދިރި ގިނަކަމަކީ ބިމަށް ފައިބާ އޮޅުއަލައިގެ ބޮޑެތިކަމާއި ތާޒާކަމާއި މީރުކަމަށް އޮތް އިޝާރާތެކެވެ. "ލާބަހެވޭ ވިލިގިއްޔޭ" މިހެންކިޔަންފެށީ، މާފަހުންނެވެ.
ހުށަހެޅުއްވީ: ކިއުންތެރިއެއް ދެއްވަދޫ މޮޔައިން ތިބޭ ކަނޑެހުޅަދޫ ވެންބޮޅެ ހުއްޓާ ކޫއްޑުވާ އަމާންނުވީ ބިންގަނޑެކޭ
މުޞަންނިފު:އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަންޝާއިޢުކުރި ތާރީޚު: 6 ޖެނުއަރީ 2011 މ. 2 ޞަފަރު 1432 ހ. ބުރާސްފަތި މަޞްދަރު:ހުވަދޫ ސަގާފަތުއިތުރު ބަޔާން Ham at 17:01
2 comments:
Unknown10 January 2018 at 20:52ނަޑާލީ ކަމަނާގެ ރަށޭ ކިޔާ އަޑު ގިނައިން އަހަރުމެން އަޑުއަހާ އުޅުނީ .. މިއަންބާ މިއަށްވުރެއް ފުރިހަމަ ވާނޭ ގޮތެއް ނެތްތަReply
Unknown19 February 2021 at 22:10މިއީ ފުރިހަމަ އެތިތައް ؟Reply















