ތާރަޖެހުމާ ގުޅިފައިވާ ބައެއް އާދަކާދަ
ތާރަޖެހުމާ ގުޅިފައިވާ ބައެއް އާދަކާދަ
ޢަބްދު ﷲ ސަޢީދު
ތާރައަކީ ވަށްކޮށް އޮންނަ އޮނިގަނޑެއްގެ އެއްފަރާތުގައި ނުވަތަ އެއްކޮޅުގައި ހަން އަޅައިގެން ހަދައިފައި އޮންނަ އެއްޗެކެވެ. ތާރަ ހަދައިފައި ހުންނަނީ ޑައިމީޓަރުގައި ގާތްގަނޑަކަށް އެއް ފޫޓު ހުންނަވަރުގެ ހަތަރު އިންޗި ބޯމިނުގައި ދިގުހަރުން ލިއެ، އެތެރެކޮނެ، އެއްފަރާތުގައި މަޑިހަން ނުވަތަ ބަކަރި ހަން އަޅައިގެންނެވެ. ތާރަ ޖެހުމަކީ ކުޅިވަރެކެވެ. މިއީ ލަވައާ އެކު ތާރައިގައި އަތްތިލައިން ވަކި ހަމަތަކަކަށް ޖަހަމުން ލެނގެމުން ކުޅޭ ކުޅިވަރެކެވެ.
ތާރަ ޖަހާ މީހުންގެ ހެދުމަކީ އަތްދިގު ހުދު ލިބާހާއި ހުދު މުންޑެވެ. މުންޑުގެ ދަށުން ތިބެނީ އެއް ކުލައަކުން ކަކުލުގެ ތިރިއަށް ހުންނަވަރުގެ ދިގު ހަރުވާޅެއް ލައިފައެވެ. ގިނަ ރަށްރަށުގެ މީހުން ލަނީ ރަތް ކުލައިގެ ހަރުވާޅެވެ. ތާރަ ޖަހާ މީހުން ބޮލުގައި އަޅަނީ ތެޔޮރުމާލެވެ. ފަހަކަށް އައިސް އަތްދިގު ހުދު ލިބާހުގެ ބަދަލުގައި ބޭނުންކުރަނީ އަތްދިގު ހުދު ގަމީހެވެ.
ދިވެހީންގެ ތެރޭގައި ތާރަޖެހުމުގައި ޒަމާނުއްސުރެ ގެންގުޅުނު އާދަކާދަތަކެއް ހުއްޓެވެ. ކުރީ ޒަމާނުގައި މި ކުޅިވަރާ ދީނީ އަގީދާއާ އޮންނަނީ ގުޅުވާފައެވެ. މި ކުޅިވަރަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ދުރާލާ ފަރިތަކުރުމެވެ. ތާރަތައް ތައްޔާރުކޮށް ލަވަތައް ފަރިތަކުރުމެވެ. އެއަށްފަހު ތާރަޖަހާނެ ހަރުގެއެއް އަޅައެވެ.
ތާރަޖަހާ ދުވަސްދުވަހު ގިނަ ރަށްރަށުގައި މި ކުޅިވަރު ފަށަނީ ޢަޞްރު ނަމާދަށް ފަހުގައެވެ. ތާރަ ޖަހާ ހުރިހާ އެންމެން ފުރަތަމަ ޖަމާޢަތުގައި ކުރަނީ ޢަޞްރު ނަމާދެވެ. އެއަށްފަހު އޮންނަނީ ޞަލަވާތް ފާތިހާ ކިޔެވުމެވެ. އެ ރަށެއްގައި ނަދުރުބުނެ ހަދާ ޒިޔާރަތެއް ނުވަތަ އެފަދަ މަގާމުފުޅެއް ހުރެއްޖެނަމަ އެ ތަނަކަށް ގޮސް ޞަލަވާތް ފާތިހާ ކިޔަވައެވެ. ޞަލަވާތް ފާތިހާ ކިޔަވާއިރު ޤާދިރީ ކަލޭގެފާނަށް ޞަލަވާތް ކިޔަވައެވެ. މި ޤާދިރީ ކަލޭގެފާނަކީ ހިޖުރައިން 471 ވަނައަހަރު އީރާނުގައި އުޅުއްވި ސޫފީ ޤާދިރީ ތަރީގާގެ އިސް އިމާމު ކަމުގައިވާ ޢަބްދުލްޤާދިރު ޖީލާނީ އެވެ. .
ޞަލަވާތް ފާތިހާ ނިމުމުން ތާރަޖަހާ މީހުން ދިގުމަގު ކުޅެމުން އެކި ތަންތަނަށް ހުއްޓި ތިބެ ކުޅެމުން ހިނގާފައިދަނީ ތާރަ ޖެހުމަށް ހަދައި ޒީނަތްތެރިކޮށްފައި ހުންނަ ޚާއްޞަ ހަރުގެއަށެވެ. ތާރަ ޖަހާ މީހުން ދެ ސަފަށް ތިބެގެން ތާރަ ޖަހަމުން ހިނގާފައި ދާއިރު ދިދަ ހިފައިގެން ކުރީގައި ޖަޑިބެއް ހުރެއެވެ. ހަރުގެ ކައިރިއަށް ގޮސް ހަރުގެން ބޭރުގައި ދިދަ ޖަހައެވެ. ދިދަ ޖަހަނީ އިސް މުރީދު ނުވަތަ އިސް އިމާމެވެ. މި ދިދަ ޖަހަނީ ވަލީވެރީންނަށް ޞަލަވާތް ފާތިހާ ކިޔަވައި ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ކިޔަވައި ދުންބުރުވައި ހެދުމަށް ފަހުގައެވެ. އާންމުކޮށް ކިޔަވަނީ ޔާސީން ސޫރަތެވެ. މި ދިދައަކީ މި ކަމަށް ޚާއްޞަ ދިދައެކެވެ. މި ދިދަ ހުންނަނީ ހުދު ފޮތިގަނޑެއްގައި ޝަހާދަތުގެ ދެ ކަލިމަ އާއި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ދުޢާތައް ލިޔެ ޒީނަތްތެރިކޮށްފައެވެ.
ތާރަޖެހުމާއި ވަޖިދުވުމުގެ އަސްލު ބައި ފެށެނީ ޢިޝާ ނަމާދަށްފަހު އޮންނަ ކޭން ކެޔުމަށްފަހުގައެވެ. ފުރަތަމަ މުރީދު މީހާ ފަށަނީ ރާތީބު ކިޔަވާށެވެ. ރާތީބަކީ ސޫފީ އެކި ޖަމާޢަތްތަކުގެ މީހުން އެކި ރޭރެއަށް ކިޔައި އުޅޭ މަދަހައާއި ޒިކުރުތަކަށް ކިޔައިއުޅޭނަމެކެވެ. މުރީދު މީހާ ރާތީބުކިޔަވަމުން ދާއިރު ތާރަޖަހާ މީހުން ދެ ސަފަށް އެތުރި އިށީނދެ ތިބެގެން އެކިޒާތްޒާތުގެ ބަނިތައް ލައްވަމުން ލެނގެމުން ތާރަޖަހަމުން ގެންދާނެއެވެ.
ތާރަޖަހާ މީހުން ދެ ސަފަށް އެތުރިގެން ތިބޭއިރު އެއް ކޮޅުގައި މުރީދާއި ލަވަ ނަގައި ކިޔާ މީހުން ތިބެއެވެ. ދިދަ ޖަހާފައި ހުންނަނީ ހަރުގޭގައި މި މީހުން ތިބޭ ކޮޅުން ބޭރުގައެވެ. ތާރަ ޖަހަން ފަށައިދެނީ މުރީދު ކިޔާ ޒިކުރު ފޮތުގެ ސަލާމް ޅެންބައިންނެވެ. އެއަށްފަހު ދެން ލަވަ ޖަހާނީ ތާރަޖަހާ ފަތީ މީހުންނެވެ. ތާރަ ޖެހުން ދާނީ ލަވައާއި ހަރަކާތާ އެކު އަވަސްވަމުންނެވެ. ފޯރި ދާނީ ގަދަވަމުންނެވެ. މި ލަވަތަކުގެ ތެރޭގައި ކަފާ ލަވަ ކިޔާ ލަވައެއް އޮވެއެވެ. އެ ހިސާބުން ފަށާނީ ވަޖިދުވާށެވެ. ނުވަތަ ވައްޖިދުވުމަށެވެ. ވަޖިދުވުމަކީ ލަވައެއްގެ ގޮތުގައި ކިޔާ ކިޔެވެލިތަކެއްގެ ތެރެއިން ގައިން ލޭނެރުމެވެ. ވަޖިދުވަނީ އެކަމުގެ ސަބަބުން ބަރަކާތް ލިބޭ ކަމަށް ގަބޫލުކޮށްގެންނާއި، ބަލިބައްޔާއި މުސީބާތަކުން ސަލާމަތް ވާނެކަމަށް ގަބޫލުކޮށްގެންނެވެ.
ވަޖިދުވާން ފަށަނީ ގަޑިއެއްހާއިރު ތާރަ ޖެހުމަށްފަހުގައެވެ. ފުރަތަމަ ލޭ ނެރެނީ މުރީދު މީހާ އޭނާގެ ގައިންނެވެ. ފުރަތަމަ ވަޅި ޖެހުމުން ލޭ ނާންނަނަމަ އަނެއްކާ ވެސް ކިޔަވަން ފަށައެވެ. ލޭ އަންނަނަމަ ބައެއް ފަހަރު ދަނޑިއަޅާފައި ލޭ އާދެއެވެ. ލޭ ނެރެނީ މޫނާއި ބޮލަށާއި ބަނޑަށް ކޮށާވަޅީގެ ތުނޑުން ވަރަށް ކުޑަކޮށް ވަޅިހަރައިގެންނެވެ. ބައެއް ފަހަރު ކަނޑި ވެސް ބޭނުންކުރެއެވެ. މި ކަނޑި ނުވަތަ ކޮށާވަޅި ހިފައިގެން މުރީދު މީހާ ވަޖިދުވެގެން އެ ސަރަހައްދުގައި ބައެއް ފަހަރު ދުވެހަދައެވެ. އެ ހިސާބަށް ދާއިރު ކުޅިބަލަންތިބޭ އާންމުން ކެކިއަރައިގެން ދާނެއެވެ. ބައެއް މީހުން ބިރުން ހޭނެތޭ ފަހަރު ވެސް އާދެއެވެ. ބަލިބަލި ޖެހިފައި ތިބޭ މީހުންގެ ގައިން ލޭ ނެރެނީ މި ވަގުތުގައެވެ. ވަޖިދުވާއިރު ކިޔަނީ ޤާދިރީ ކަލޭގެފާނަށް ނިސްބަތްވާ ޢަރަބި ލަވައެވެ.
ލޭ ނެރުމަށްފަހު އޮންނަނީ ލޭމަނާކުރުމެވެ. މިކަމަށް ވެސް ލަވަކިޔައެވެ. އޭރަށް ތާރައިގެ ހަމަ ވެސް ދާނީ ލަސްވަމުންނެވެ. ލޭމަނާކުރުމަށް ބޭނުންކުރަނީ ކިޔަވާފައި ހުންނަ ފެނެވެ. އެ ފެން ހޭކުމުން ނުވަތަ ބޮލަށް އެޅުމުން ލޭ މަނާވެއެވެ. އެ ފެނުން ލޭތައް ދޮވުމުން ވެސް ލޭ ފޭދެންޏާ އެ ތަންތަނުގައި ދިދައިގެ ފޮތިގަނޑުން އޮބައެވެ. ވަޖިދުވުން ނިމެނީ ލޭ މަނާވުމުން "ލޭމަނާކުރާ ލަވަ" ހުއްޓާލުމުންނެވެ. ތާރަޖަހާފައި މި ވަޖިދުވާ ވަޖިދުވުމަކީ އިސްލާމުންގެ ތެރޭގައި ސޫފީންކުރާ ކަމެކެވެ. މިހާރު ވެސް ދުނިޔޭގެ އެކި ތަންތަނުގައި ސޫފީން ވަޖިދުވުމުގެ ކުޅިވަރުތައް ކުޅެއުޅެއެވެ. ދިވެހިރާއްޖޭގައި ވެސް އެކި ރަށްރަށުގެ މީހުން ތާރަޖެހުމާއި ވަޖިދުވުމުގެ މި ކުޅިވަރު ކުޅެއުޅުމުގައި ބައެއް ތަފާތުތަކެއް ހުއްޓެވެ.













